ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ2 ވަނަ ޖަލްސާ.
ތާރީޚް:1 ޖޫން 2009 ހޯމަދުވަސް.
ހުޅުމީދޫ ދާއިރާގެ މެންބަރު ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ގަލޮޅު އުތުރުގެ ޢިއްޒަތްތެރި
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:މެންބަރު އީވާ ޢަބްދުﷲގެ ހުށަހެޅުމަށް ތާއީދުކުރާ ވާހަކަ ދަންނަވަންވެގެން ޝުކުރިއްޔާ.
ހުޅުމީދޫ ދާއިރާގެ މެންބަރު ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، އަޅުގަނޑު މިފުރުޞަތުގައި
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:ދަންންވާލަން ބޭނުންވަނީ، ގަވާއިދުގެ 157 ވަނަ މާއްދާގައި އެބައޮތް ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖިއްޔާމު މަޖިލީހުގައި ކުރިން ކަންތައްތައް ކޮށްފައި އޮތްގޮތަށް ބައްލަވާ ވާހަކަ. ދެން އޭގެ (ނ) ގައި އެބައޮތް މިމާއްދާގައިވާ ގޮތުގެމަތިން ނިންމާ ނިންމުން މިގަވާއިދުގެ ބައެއްކަމުގައި އެހިނދުން ފެށިގެން ބެލެވޭނޭ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ކުރީގައި އެގޮތަށް ގަނޑުކޮށް ހަމަ ވޯޓު ނަންގަވާފައިވަނީ. އެހެންވީމާ، މިހާރުވެސް ގަނޑުކޮށް ނެންގެވުން އެއީ ގަވާއިދުގައިވާ ގޮތްކަމުގައި އަޅުގަނޑު ޤަބޫލުކުރާތީ އެވާހަކަ ހަމަ މަނިކުފާނަށް ދަންނަވަން. ޝުކުރިއްޔާ.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ޖަލްސާ
ތާރީޚް:2 ޖޫން 2009 އަންގާރަދުވަސް
ހުޅުމީދޫ ދާއިރާގެ މެންބަރު ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، އަޅުގަނޑުގެ އަޚު ފޭދޫ ދާއިރާގެ
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:ޢިއްޒަތްތެރި މެންބަރު އަލްހާން ފަހުމީ އެ ދެއްކެވި ވާހަކަ އަޅުގަނޑު ވަރަށް އިޙްތިރާމްކުރަން. އެކަމަކު އެބޭފުޅާ ދެންމެ ވިދާޅުވި ރައްޔިތުންގެ މަޖިލިސްގައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ކެބިނެޓް، ކުރީގެ ކެބިނެޓްގައި އަޅުގަނޑުމެން ވޯޓުދިނީ އެއީ އެހެން ގޮތެއް ނެތިގެން ކުއްލި ޙާލަތެއްގައޭ. އަޅުގަނޑު ދަންނަވާނީ އެއީ ކުއްލި ޙާލަތެއް ނޫނޭ. އަޅުގަނޑުމެން ހަމަ އެދުވަހު މަޖިލީހުގެ މެންބަރުންވެސް އެބޭފުޅުންނަށް ވޯޓުދެއްވީ ހަމަ ރައީސުލްޖުމުހޫރިއްޔާ މިޢިއްޒަތްތެރި މަޖިލީހަށް ކެބިނެޓުން އެެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުން ހުށަހަޅުއްވައިގެން މިމަޖިލީހުން ރުހުން ހޯދަންވެގެން. އެދުވަހުވެސް ހަމަ ރައީސުލްޖުމުހޫރިއްޔާ ހުށަހަޅުއްވާފައިވޭ ބަންޑާރަ ނާއިބެއްގެ ނަން. އަދި، މިނިސްޓަރުންގެ ނަންފުޅުތައްވެސް. އެހެންވީމާ، އެދުވަހުވެސް ހަމަ އަޅުގަނޑުމެން ހަމަ ވޯޓަށް، މި މަޖިލީހުން އެއްބަސްވެވަޑައިގެން ވޯޓު ނަގަމުން ދިޔައީ ހަމަ އެއްކޮށް. އެހެންވީމާ، އެދުވަހުވެސް އަޅުގަނޑުމެން ކަންކުރެއްވި ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނަން އެބައޮތް. ދެން، އަޅުގަނޑު އަދިވެސް މަނިކުފާނުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކީ މިއެދެނީ، މަނިކުފާނުގެ ޒިންމާކަމުގައި ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި އެބައޮތް، މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި ޤާނޫނުއަސާސީއާ މި ގަވާއިދުގައިވާ ގޮތުގެމަތީން، އަދި މަޖިލީހުގެ ނިންމުންތަކާވެސް އެއްގޮތްވާ ގޮތުގެމަތީން ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔާއޭ. އެ ހައިޞިއްޔަތުން އަޅުގަނޑު މަޖިލީހުގެ ރައީސްގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކީ އެދެން، މަނިކުފާނު މިމަޖިލީހުން ނިންމަވާފައިވާގޮތަށް އިޙްތިރާމުކުރައްވާނެކަމަށް ވިދާޅުވެފައި ވާތީއާއެކީ، ހަމަ ކުރީގައިވެސް ނިންމިގޮތަށް މިފަހަރުވެސް ނިންމެވުން. ހަމަ އަދިވެސް އަޅުގަނޑުމެން ޢަމަލުކުރައްވަމުން މިގެންދަނީ މިގަވާއިދު ކަމުގައި އަޅުގަނޑުވެސް ޤަބޫލުކުރަން، އަދި މަނިކުފާނުވެސް ޤަބޫލުކުރައްވާ. އެހެންވީމަ، އަޅުގަނޑުމެން ހަމަ ކުރީގައި ވޯޓު ނެންގެވިގޮތަށް މިފަހަރުވެސް ހަމަ ހުރިހާ ބޭފުޅުން އެއްކޮށް ވޯޓަށް ގޮސް ހުރިހާ ނަންފުޅަށް އެކީ ވޯޓަށް އެއްސެވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް. އަދި، މި ގަވާއިދުވެސް ބުނާ ގޮތް. އަޅުގަނޑުމެންވެސް ބޭނުންވޭ ގިނަ މެންބަރުން ބޭނުންފުޅުވާ ގޮތަކަށް އެކަން ވާންއޮތިއްޔާ ވާން. އެކަމަކު، އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް މި މަޖިލީހުގެ ކަންތައްތަކެއް ނުއެއް ކުރެވޭނެ. މަޖިލީހުގައި އަޅުގަނޑުމެނަށް ކަންތައް ކުރެވޭނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން. އެހެންވީމަ، މި ގަވާއިދުގައިވާގޮތަށް މަނިކުފާނު ހަމަ ހުރިހާ ބޭފުޅުންގެ ނަންފުޅު އެކީ ވޯޓަށް އެއްސެވުމަކީ ހަމަ ގަވާއިދުން މަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެހެންވެ، އެވާހަކަ ދެންނެވީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 4ވަނަ ޖަލްސާ
ތާރީޚް:8 ޖޫން 2009 ހޯމަދުވަސް
ހުޅުމީދޫ ދާއިރާގެ މެންބަރު ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، އަޅުގަނޑު ކުޅުދުއްފުށީ ދެކުނު
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދު ހުށަހެޅުއްވި މިބިލާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން އޮތީ ޤާނޫނުއަސާސީގައި 241 ވަނަ މާއްދާގައި އެބައޮތޭ ސަލާމަތީ ޚިދުމަތްތައް ހިންގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނަންވާނެއޭ. އަދި، މިކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނަންވާނޭ. މި ކޮމިޓީން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ނޯވޭ ރާއްޖޭގެ ވަޒީފާތަކަށް މީހުން އައްޔަންކުރާއިރު އެބޭފުޅުންނަށް އެ ވަޒީފާ ދޭން ފެނޭތޯ ނުފެނޭތޯ ކަނޑައެޅުމެއް. އެހެންވީމާ، މިއީ ކޮމިޓީގެ މަސްޢޫލިއްޔަތާއި ބެހޭކަމެއް ނޫންކަމަށް އަޅުގަނޑަށް ލަފާކުރެވޭ. ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ރާއްޖޭގައި މި ހިނގަމުންދަނީ ރިޔާސީ ވެރިކަމެއް. ބަރުލަމާނީ ވެރިކަމެއް ނޫން. ރިޔާސީ ވެރިކަމުގައި މިއޮންނަނީ 3 ބާރު ވަކިވެފައި. އަޅުގަނޑުމެން އެމް.ޑީ.ޕީން މަސައްކަތްކުރި ރާއްޖޭގައި ބަރުލަމާނީ ވެރިކަމެއް ގެންނަން. އޭރު ރައްޔިތުން ނިންމާފައި އޮތީ ރާއްޖޭގައި އޮންނާނީ ރިޔާސީ ވެރިކަމެއްކަމަށް. އެހެންވީމާ، މި ރިޔާސީ ވެރިކަމުގައި 3 ބާރު ވަކިވެފައި އޮންނައިރު މިޤައުމު ހިންގަން އޮތް ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރު ކަނޑުވާލަން އަޅުގަނޑުމެން މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތްކުރުމަކީ އެކަން ކުރެވެންޖެހޭ ގޮތްކަމުގައި އަޅުގަނޑު ނުދެކެން. ސަބަބަކީ 3 ބާރަކީ ވެކިވެފައި އޮންނަ 3 ބާރަށްވެފައި އެއްބާރު އަނެއް ބާރަށް ބާރު ފޯރުވާ ކަހަލަގޮތަކަށް އޭރުން މިކަންތައް ބައްޓަންވަނީ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ވެރިކަން ކުރާއިރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަންވާނެ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގުމަށްޓަކައި ސަލާމަތީ ކަންތައްތައް ބަލެހެއްޓޭނެ އިތުބާރުހުރި ބޭފުޅުންތަކެއް އެކުލެވިގެންވާ ސިފައިންގެ ވެރިއެއް ހުންނަންވާނެ. ދެން، އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ ޗީފް އޮފް ސްޓަރފަކަށް ބޭފުޅަކު ހަމަޖައްސަވާއިރު އެބޭފުޅަކީ އެމަނިކުފާނަށް އިތުބާރު އޮތް ބޭފުޅަކަށް ވާންޖެހޭނެ. ސަބަބަކީ މި ސަރަޙައްދު ޤައުމުތަކުގައިވެސް އަޅުގަނޑުމެން ބަލާއިރު އަމަން އަމާންކަން އެބައޮތް ވަރަށް ރަނގަޅަށް، ޕާކިސްތާނު އަފުޣާނިސްތާނު ކަހަލަ ޤައުމުތައް ފިޔަވައި. އެ ޤައުމުތަކުގައިވެސް މިލިޓަރީ ވެރިކަމެއް ޤައުމު ކޮންޓްރޯލް ކުރާތީ މިފެންނަނީ. އަމަންއަމާންކަން ގެއްކިފައިވާތަން. އެހެންވީމާ، އަޅުގަނޑުމެން ރާއްޖޭގައި މިއޮތް އަމަންއަމާންކަން ގެއްލޭފަދަ ގޮތަކަށް މަޖިލީހުން އަމަންއަމާންކަމާ ބެހޭ ބައިގައި ތިއްބަވާ ބޭފުޅުންނަށް ބާރު ފޯރުވުމަކީ އަޅުގަނޑުމެން ޤައުމެއް އޮތް ނުރައްކަލެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، ކުޅުދުއްފުށީ ދެކުނުދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އަޅުގަނޑު ތާޢީދު ނުކުރާ ވާހަކަ ދަންނަވަން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5ވަނަ ޖަލްސާ
ތާރީޚް:9 ޖޫން 2009 އަންގާރަދުވަސް
މަޖިލީހުގެ ދަތުރެއްގައި ވަނީ ރާއްޖެއިން ބޭރަށް ( ސިންގަޕޫރަށް ) ވަޑާއިގެންފައެވެ.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6ވަނަ ޖަލްސާ
ތާރީޚް:10 ޖޫން 2009 ބުދަދުވަސް
މަޖިލީހުގެ ދަތުރެއްގައި ވަނީ ރާއްޖެއިން ބޭރަށް ( ސިންގަޕޫރަށް ) ވަޑާއިގެންފައެވެ.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 7ވަނަ ޖަލްސާ
ތާރީޚް:15 ޖޫން 2009 ހޯމަދުވަސް
މިޖަލްސާގައި އިލްޔާސް ލަބީބް ވާހަކަފުޅެއް ނުދައްކަވައެވެ
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 8ވަނަ ޖަލްސާ
ތާރީޚް:16 ޖޫން 2009 އަންގާރަދުވަސް
ހުޅުމީދޫ ދާއިރާގެ މެންބަރު `. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، އަޅުގަނޑު އެންމެ ފުރަތަމަ
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:ދަންނަވާލަން ބޭނުންވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ވަރަށް ޞަރީޙަކޮށް އެބަބުނޭ ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތުތައް. ދެން ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތު ތެރޭގައި އެބަ ހިމެނޭ ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި އެ ބޭނުންވާ މަޤާމުތަކަށް މީހުން ޢައްޔަންކުރުމަށާއި، އެ މަޤާމުތަކަށް މީހުން ވަކިކުރުމާއި، އެމީހުންގެ އިސްތިޢުފާ ޤަބޫލުކުރަން. އެހެންވީމާ، ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތް ބާރުތަކެއްދީފައި. ދެން އަދި އެބައޮތް ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ބެލުމުގެ ދަށުންނޭ. އަދި ވަޒީރެއްގެ ބަލުމުގެ ދަށުން ހިންގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނޭ. އެހެންވީމާ، ސިފައިންގެ ބޭފުޅުންވެސް މިހިނގަނީ ހަމަ ވަޒީރުންގެ މަޖިލީހުގެ ބޭފުޅެއްގެ ދަށުން. ދެން އެވަޒީރު އަޅުގަނޑުމެން މި ޢައްޔަންކުރަނީވެސް އަޅުގަނޑުމެންގެ މިމަޖިލީހުން ރުހުން ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު ޢައްޔަންކުރައްވަނީ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ހަމަ މިހާރުވެސް އަޅުގަނޑުމެން ރުހުންދޭ ބޭފުޅެއްގެ ދަށުގައި މަސައްކަތްކުރައްވާ އަދި އެބޭފުޅެއް ބައްލަވަމުން ގެންދަވާ ބޭފުޅުންތަކަކަށްވާތީ އެކަމަކީ އެންމެ އެކަށީގެންވާ ގޮތްކަމުގައި އަޅުގަނޑު ނުދެކެން. އަދިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިދަނޑިވަޅަކީ ދިވެހިރާއްޖޭގައި ސިޔާސީ ވާދަވެރިކަން ވަރަށް ފުޅާދާއިރާއެއްގައި ހިނގަމުންދާ ދަނޑިވަޅެއް. އަދި ޚާއްޞަކޮށް އަޅުގަނޑުމެން މަޖިލީހުގެ ކޮމިޓީތަކުގައިވެސް އެބައޮތް ސިޔާސީ ވާދާވެރިކަން. ދެން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އެއީ ޑިމޮކްރަސީއޭ. ރަނގަޅު އެއީ ޑިމޮކްރަސީ. އެކަމަކު ސިޔާސީ ވާދަވެރިކަން އޮތިއްޔާމު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ވާދަވެރިކަން އޮތްކަމަށް. މަޖިލީސްތަކުގެ ކޮމިޓީތަކުގައިވެސް ބައެއް ބޭފުޅުން އޭގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ތިމަންނަމެންނަށް ގިނަ ގޮނޑި އޮތީމަ މަޖިލީސްތަކުގެ ކޮމިޓީތައް ކޮންޓްރޯލް އޮތީމަ ބައެއް ކަންތައްތައް ކުރައްވަން އެބަ ޤަސްދުކުރައްވާ. އެކަމަކު ސަލާމަތީ ބާރަކީ މުޅި ރާއްޖޭގައި ހުރިހާ އެންމެންގެ ފައިދާއާއި ސަލާމަތަށްޓަކައި މަސައްކަތްކުރައްވަން ތިބި ބޭފުޅުން. އެހެންވީމާ، އެބޭފުޅުން ބާރު މަޖިލީހުގައި އޮންނަ ވަކި ކޮމިޓީއެއްގެ ދަށަށް ފޮނުއްވުމަކީ އަޅުގަނޑު ޤަބޫލުކުރާގޮތެއް ނޫން. އަދި މިބޭފުުޅުން އެބަޖެހޭ މިކޮމިޓީގައި ތިބި ބޭފުޅުންގެ ރުހުން ހޯދާ އެބޭފުޅުންނަށް ސަލާންޖަހާ އެބޭފުޅުންނަށް ރުހުންދޭށޭ ބުނެ އާދޭސްކުރަން. އޭގެ ސަބަބުން ސިފައިންގެ އިސްވެރިން މިވަނީ ކޮންމެވެސް ބައެއްގެ ދަށުވެފައި ތިބޭ ބަޔަކަށް. އޭގެ ސަބަބުން އަޅުގަނޑުމެންގެ މި ސަލާމަތީ ކަންތައްތަކަށް ކޮންމެވެސްކަހަލަ ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށް އަޅުގަނޑަށް ފެނޭ. އެހެންވީމާ، މި ބިލަކީ އަޅުގަނޑުމެން ބަލައިގަންނަންޖެހޭނެ ބިލެއްކަމަށް އަޅުގަނޑަށް ނުފެންނާތީ އެވާހަކަ ދަންނަވާލީ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.
ހުޅުމީދޫ ދާއިރާގެ މެންބަރު ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. މައުޟޫއިން ބޭރުވާތީ ހަމަ އެވާހަކަ
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:ހަނދުމަފުޅުކޮށްދޭންވެގެން އަޅުގަނޑު. ޝުކުރިއްޔާ.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 9ވަނަ ޖަލްސާ
ތާރީޚް:17 ޖޫން 2009 ބުދަދުވަސް
ހުޅުމީދޫ ދާއިރާގެ މެންބަރު ` ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، ޤާނޫނު ނަންބަރު 79/31
އިލްޔާސް ލަބީބް ވާހަކަދެއްކެވުން:ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާޙު ގެނައުމަށްޓަކައި ސަރުކާރުން މިފަފަ ބިލެއް ހުށަހެޅުއްވިކަމަށްޓަކައި އަޅުގަނޑު އެންމެފުރަތަމަ ސަރުކާރަށް ޝުކުރު ދަންނަވަން. ސަބަބަކީ، ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ދިރިއުޅުމުގެ އަގުތަށް ރައްޔިތުން އަތްފޯރާ ހިސާބަށް ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރާކަމަށް އަޅުގަނޑުމެންނަށް އެބައިނގޭ. ދެން އަޅުގަނޑު ދެކޭގޮތުގައި މިކަންތައް، މިބިލު އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްގެން މިބިލު ރައްޔިތުންނާއި ހަމައަށް އައިމާ އޭގެ އަސަރު ރައްޔިތުންނަށް ވަރަށްބޮޑަށް ކުރާނެ. ރައްޔިތުން ކަންމަތީ ސްޓޯރަށް ދަރާފައިވާ ދަރަނި އަދާކުރުމަށްޓަކައި ލުއިތަކެއް ލިބިގެންދާނެ. އެހެންވީމާ، މިއީ ވަރަށް މުހިންމު ބިލެއްކަމުގައި އަޅުގަނޑު ދެކެން. އާދެ، މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި އެބަ ހިމެނޭ، ސަރުކާރުން މިބިލު ހުށަހެޅި މަޤްޞަދުގެ ތެރޭގައި އެބަ ހިމެނޭ ކާބޯތަކެތީގެ އަގު ރައްޔިތުންގެ އަތްފޯރާ މިންވަރަށް ތިރިކުރުމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތެރިކަމަށް މަގުފަހިކޮށްދިނުން. އެހެންވުމުން އެހެން މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭތީ، ދެންމެ އެޓަރނީ ޖެނެރަލްވެސް ވިދާޅުވިފަދައިން އަޅުގަނޑުވެސް އެދެން މިއަށް ދަނޑުވެރިކަމާއި ގުޅޭ ސާމާނުގެ ޑިއުޓީ މަޢާފްކޮށް ދިނުމަށް. އަދި އޭގެއިތުރަށް ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ބޭހާއި ކެމިކަލްސް ފަދަ އެއްޗެހިންވެސް ޑިއުޓީ ކަނޑާލުމަށް އަޅުގަނޑު ހުށަހަޅަން. ދެން އަދި އޭގެ އިތުރަށްވެސް އަޅުގަނޑު ހުށަހަޅަން ކާބޯތަކެތިން އަގުހެޔޮ ކުރާއިރު އަޅުގަނޑުމެން ކައްކާ ގޭހުންވެސް ޑިއުޓީ ކުޑަކުރުމަށް. ނޫނީ ޑިއުޓީ އެކީ ކަނޑާލުމަށް. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ކަރާސީނު ތެލުންވެސް ޑިއުޓީ ކަނޑާލުމަށް އެބޭފުޅުން އެދޭ ވާހަކަ. އެކަމުން އަޅުގަނޑު ދެކޭގޮތުގައި ކަރާސީނު ތެލަށްވުރެ ކައްކާ ގޭހުގެ ޑިއުޓީ ކަޑައިފިއްޔާ މާ ރަނގަޅުވާނެ. ސަބަބަކީ ކަރާސީނު އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ބޭނުންކުރަމުން މިދަނީ ކައްކާ ގޭހުގެ އަގު އެބޭފުޅުންގެ އަތްފޯރާފަށަށް ނުދާތީ. އެހެންވީމާ، ކައްކާ ގޭހުގެ އަގު ހެޔޮކޮށްފިއްޔާމު އަޅުގަނޑުމެންނަށް ޑިއުޓީ ކަނޑާލައިގެން އެއިން ލިބޭ އަގު ދަށްވެއްޖެކަމަށްވަންޏާމު ކަރާސީނު ތެޔޮ ބޭނުންކުރާ ބޭފުޅުންވެސް ބޭނުންކުރަމުންދާނީ ކައްކާ ގޭސް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. ދެން އަޅުގަނޑުމެން ވިސްނަންއެބަޖެހޭ އެއްޗަކުން ޑިއުޓީ ކަނޑާލީމާ ދިވެހިރާއްޖެއަށް މިލިބޭ އާމްދަނީ ދަށްވާނެކަމަށް. އެހެންވީމާ، މިއިން އަޅުގަނޑު މި ހުށަހަޅާލި އެއްޗެހިން ޑިއުޓީ ކެނޑުމުން ކުޑަވާ ބައި ފޫބެއްދުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް ވިދާޅުވިގޮތަށް އެބޭފުޅުން ދިރާސާކުރައްވާފައިވާގޮތުން ސިނގިރޭޓަކުން ފަސް ލާރި އިތުުރުކޮށްފިއްޔާމު މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަަށް ބަލާއިރު 16 މިލިއަން ރުފިޔާ ސަރުކާރުގެ އާމްދަނީއަށް އިތުރުވޭ. އެހެންވީމާ، އެ އާމްދަނީންވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިކަމުން މިއެއްޗެހިން އަޅުގަނޑުމެން ކަނޑާލާ ޑިއުޓީން އަޅުގަނޑުމެންނަށް އެބައި ފޫބެއްދޭނެ. އެހެންވީމާ، އެގޮތަށް އަޅުގަނޑަށް ފެންނާތީ އެވާހަކަވެސް ދަންނަވާލަން. ދެން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޑީސަލްއިން އަގު ކަނޑާލުމަކީ އެހާ ރަނގަޅުކަމެއް ނޫނޭ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު ނިސްބަތްވާ އައްޑުއަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އަތޮޅު ކަމަށްވާތީ، މުދާތައް މާލެއިން އައްޑުއަތޮޅަށް ގެންދާއިރު އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއް އެބަ ކުރަންޖެހޭ އެ މުދަލުގެ ނާލަށް. ނާލު ގުޅިފައިވަނީ ބޯޓުގެ އެބޭފުޅުން ބޭނުންކުރާ ތެލަށާއި އަދިވެސް އެހެނިހެން ޚަރަދުތަކަށް. އެހެންވީމާ، ތެޔޮ ޚަރަދު ކުޑަވެއްޖިއްޔާމު އެބޭފުޅުން ނާލަށް ދޭ ބައިވެސް ކުޑަވާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެހެންވީމާ، ޑީސަލުންވެސް މިބައި އަޅުގަނޑުމެން އުނިކޮށްފިއްޔާމު އެއިންވެސް ހަމަ ރާއްޖެތެރޭގެ ބޭފުޅުންނަށް ޚާއްޞަކޮށް އޭގެ ފައިދާތަކެއް ކުރާނެ. ދެން އަޅުގަނޑުމެން ކާއެއްޗެހިން ޑިއުޓީ ކުޑަކުރާއިރު ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ރިސޯޓްތަކުގެ ބޭފުޅުންނަށޭ ރިސޯޓް އޯނަރުންނަށޭ މީގެ ފައިދާވަނީ. ޙަޤީޤަތުގައި އަޅުގަނޑު މި މަސައްކަތްކުރަނީ ރާއްޖޭގެ މުއްސަދިންނާއި ފަގީރުންނާއި ހުރިހާ އެންމެންނަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކުރެވޭނެގޮތެއް ތަޢާރަފުކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުމެން އެއްޗަކުން ޑިއުޓީ މަޢާފުކުރީމަ ކުޑަކުރީމަ ނޫނީ ދަށްކުރީމަ ރިސޯޓް އޯނަރުންނަށް ފައިދާވެއޭ ކިޔާފައި އަޅުގަނޑުމެން ޢާންމު ރައްޔިތުންނަށް އޭގެން ފައިދާ ނުވާގޮތަކަށް ކަންތައްތައް ކުރުމަކީ އެންމެ ރަނގަޅުގޮތްކަމުގައި އަޅުގަނޑުމެން ނުދެކެން. ދެން މިހާރުވެސް ސަރުކާރުން އެބައޮތް ފޮނުވާފައި ޓެކްސްގެ ބިލެއް މިތަނަށް ހުށަހަޅާފައި. އެ ޓެކްސްގެ ބިލު ހުށަހެޅީމާ ގިނަ ވިޔަފާރި، ބޮޑު ފައިދާ ނަގާ ބޭފުޅުންގެ އަތުން، ލިބޭ ބޭފުޅުންނަށް ސަރުކާރުން ގިނައިން ޓެކްސް ދައްކަންޖެހޭނެ. ކުޑަކުޑަ ވިޔަފާރިކޮށް ޢާންމު ވިޔަފާރިކުރާ ބޭފުޅުންގެ އަތުން ކުޑަކުޑަ ލާރިއެއް ސަރުކާރަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނީ. އެހެންވީމާ، އެއިން އެކަންތައްތައް ހަމަޖެހޭނެކަމުގައި އަޅުގަނޑު ދެކެން. ދެންވެސް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއްޖެ، ހިލަޔާއި ހިލަވެލިން ޑިއުޓީ ކަނޑާލާ ވާހަކަ. އަޅުގަނޑު ވަރަށް ތާއީދުކުރަން މިކަަމަށް. އެކަމަކު އަޅުގަނޑުމެން ވިސްނާލަންއެބަޖެހޭ ދުނިޔޭގެ އިޤްތިޞާދަށް މިހާރު އައިއްސަ މިއޮތް ހީނަރުކަމަށް. މިއިން އަޅުގަނޑުމެންގެ މިޤައުމަށްވެސް ވަނީ އަސަރުތަކެއް ކޮށްފައި. އެހެންވެ، މިދަނޑިވަޅުގައި މިއީ އެންމެ ރަނގަޅު ދަނޑިވަޅެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ދެން ވަރަށްގިނަ ބޭފުޅުން އެބަ ވިދާޅުވޭ ކުޑަކުދިންގެ ކާނާއާއި ބޭސްފަރުވާއާއި އަދިވެސް އެހެން ޑޮކްޓަރީ ބޭސްތަކުންވެސް ޑިއުޓީ މަޢާފުކުރުމަށް. އަޅުގަނޑުވެސް އެކަމަށް ތާއީދުކުރަން. އަޅުގަނޑުވެސް ކުރިން ދެންނެވިހެން އެ ސިނގިރެޓުން އަޅުގަނޑުމެން 5 ލާރި އިތުރުކުރީމާ ލިބޭ އާމްދަނީ 16 މިލިއަނުން އެބައި ހަމަޖެހޭތޯ ބަލާ، އަޅުގަނޑުމެން ކޮމިޓީގައި އެކަމަށް އިތުރަށް ދިރާސާކޮށް އެއީ ވެވޭވަރުގެ ކަމަކަށް ވެއްޖިއްޔާމު ކުރުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި އަޅުގަނޑު ދެކެން. ދެން ދެންމެ ޢިއްޒަތްތެރި މިނިސްޓަރު ވިދާޅުވެއްޖެ، އެޓަރނީ ޖެނެރަލް ވިދާޅުވެއްޖެ، ގްރީން ހައުސްގެ ޓެކްސްއެއް ތަޢާރަފު ވަރަށް އަވަހަށް، ގްރީންހައުސްގެ ޓެކްސް ނެގުމާބެހޭ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ވާހަކަ. އެހެންވީމާ، އަޅުގަނޑުމެން އަދި އިތުރަށް މިކަމަށް ދިރާސާކުރައްވާ، އެބިލު އައިމަ އަޅުގަނޑުމެން އިތުރަށް ޑިއުޓީ މަޢާފުކުރަންޖެހޭ އެއްޗެއްސާއި، ޑިއުޓީ މަތިކުރަންޖެހޭ އެއްޗެއްސާ ބެހޭގޮތުން އިތުރަށް ވާހަކަ ދެކެވޭނެކަމުގައި އަޅުގަނޑު އުންމީދުކުރަން. ދެން އަދިވެސް ބައެއް ބޭފުޅުން ވިދާޅުވި، އެންވަޔަރަންމަންޓަށް ގެއްލުންދޭ އެއްޗެއްސާއި، މަސްވެރިކަމަށް ބޭނުންކުރާ އެއްޗެއްސާއި، އިންޖީނުގެ ސާމާނުން ޑިއުޓީ ކަނޑާލުމަށް. އަޅުގަނޑުވެސް ވަރަށް ބޭނުން މިހުރިހާ އެއްޗެހިން ޑިއުޓީ ކަނޑާލަން. އަދިވެސް ރާއްޖޭގައި ބޭނުންކުރާ ވަރަށްގިނަ އެއްޗެހިން ޑިއުޓީ ކަނޑާލަން އަޅުގަނޑަށް ވަރަށް ބޭނުންވޭ. އެކަމަކު އަޅުގަނޑުމެން ވިސްނާލަންއެބަޖެހޭ މިއިން ލިބޭ އާމްދަނީން އަޅުގަނޑުމެންނަށް ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ މިދެނީ. ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް މި ހިންގަން ޚަރަދުކުރަނީ. އެހެންވީމާ، މިކަންތައްތަކަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްތޯ މި ކަނޑާލާފައި. އެހެންވީމާ، އަޅުގަނޑުމެން މިކަމަށް ވިސްނާލާފައި ކޮމިޓީން ގޮތެއް ނިންމުމަށް އަޅުގަނޑުމެން ވަރަށް އެދެން. އެހެންވީމާ، މިކަންތައްތައް އަވަސްކޮށްދިނުމަށްޓަކައި ކޮމިޓީއަށް ފޮނުއްވައިގެން ވީހާވެސް އަވަހަށް މިކަމާ ބެހޭގޮތުން ދިރާސާކުރައްވާ ކަންތައްތައް ނިންމަވައިގެން ކުރިއަށްއޮތް ރަމަޟާންމަހާއި ހަމައަށްވާއިރަށް މިކަންތައްތައް ރައްޔިތުންނާއި ހަމައަށް މީގެން ފޮނިމީރު ލިބޭނޭގޮތަށްވުމަކީ އަޅުގަނޑު އެދޭގޮތްވާތީ އެވާހަކަ ދަންނަވާލަން. ދެއްވި ފުުރުޞަތަށް ޝުކުރުދަންނަވަން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 10ވަނަ ޖަލްސާ
ތާރީޚް:22 ޖޫން 2009 އާދީއްތަ ދުވަސް
މިޖަލްސާގައި އިލްޔާސް ލަބީބް ވާހަކަފުޅެއް ނުދައްކަވައެވެ
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11ވަނަ ޖަލްސާ
ތާރީޚް:23 ޖޫން 2009 އަންގާރަދުވަސް
މިޖަލްސާގައި އިލްޔާސް ލަބީބް ވާހަކަފުޅެއް ނުދައްކަވައެވެ
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12ވަނަ ޖަލްސާ
ތާރީޚް:24 ޖޫން 2009 ބުދަދުވަސް
ހުޅުމީދޫ ދާއިރާގެ މެންބަރު އާދެ، ޝުކުރިއްޔާ ޢިއްޒަތްތެރި ނާއިބު ރައީސް. ޓެކްސްގެ ނިޒާމެއް
އިލްޔާސް ލަބީބް ރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތަކީ ވަރަށް
ވާހަކަދެއްކެވުން: ރަނގަޅު މަސައްކަތެއްކަމުގައި އަޅުގަނޑު ދެކެން. އެކަމަށްޓަކައި މިހާރު ސަރުކާރުން މިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ބިލެއް މިޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅުއްވާފައި. އާދެ، ޓެކްސްއަކީ މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައިވާ ފަރަޤު ނައްތާލުމަށް އެޅޭނެ ވަރަށް މުހިންމު ނިޒާމެއްކަމުގައި އަޅުގަނޑު ދެކެން. މިހާރު ޓެކްސް އަޅުގަނޑުމެން ރާއްޖޭގައި މިނަގަމުން މިއަންނަނީ ނުސީދާގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލުން ކަސްޓްމްސް ޑިއުޓީގެ ގޮތުގައި އޭގެ ބަދަލުގައި ސީދާ ވިޔަފާރިވެރިން އަތުން ނޫނީ ކޯޕަރޭޓް ޓެކްސްއެއް ނެގުމަކީ އެކަން މިހާރު މި ޒަމާނުގެ ޤައުމުތަކުން އެކަމުގެ މާހިރުން ދެކޭގޮތުގައި އެންމެ ރަނގަޅުގޮތްކަމުގައި ވަނީވެފައި. އަދި މިކަންތައް ރާއްޖޭގައި ހިންގެވުމަށް އިދާރީ ކަންތައްތައް ކުރިއަށް ގެންދާއިރު މިޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި އެބައޮތް އައި.އާރު.އޭ ގެ ހިންގުން ޙަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރަންޖެހޭކަމަށް ފެންނަ އަދަދަކަށް ބޯޑުގެ މަޝްވަރާގެ މަތީން އިދާރާތައް އުފެއްދުމާއި އުވާލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނަރަލްއަށް ލިބިގެންވާ ވާހަކަ. ދެން އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖެއަށް މިހާރު ޕްރޮވިންސްތަކަކަށް ބެހިގެންދާއިރު އަތޮޅުތަކުގަޔާއި، ރަށްރަށުގައިވެސް މިކަހަލަ އިދާރާތައް ހެދިގެންދާނެ. ސަބަބަކީ ރާއްޖޭގެ ކުދި ވިޔަފާރިވެރިން އަދި މެދު ވިޔަފާރިވެސް އަދި ބޮޑެތި ވިޔަފާރިވެރިންވެސް ރާއްޖޭގެ އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ. އަދި އެއީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީވަމުންދާއިރު އެ އަތޮޅުތަކުގެ ތެރޭގައި މިކަހަލަ އިދާރީއެއް ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެކަމަކު އަޅުގަނޑު ވަރަށް ހިތާމަޔާއެކީ ދަންނަވާލަން މިކަން ރަނގަޅަށް މޮނީޓަރކުރެވޭނެ ނިޒާމެއް އަތޮޅުތަކުގެ ތެރޭގައި ނޫނީ މިދާއިރާތަކުގެ އޮފީސްތަކުގައި ހިމެނިފައި ނެތީ ކަމުގައިވަންޏާމު މިހާރު އަޅުގަނޑުމެން ހުޅުދޫ މީދޫއާއި އިންވެގެން އޮންނަ ހެރެތެރަށް ރިސޯޓްގައި ދިމާވާކަހަލަ މައްސަލައެއް ދިމާވާކަމަށްވަންޏާމު އަޅުގަނޑުމެން ރަށުގައި ތިބި ވިޔަފާރި ވެރިންނަކަށް އެއަކަށް ޓެކްސްއެއް ނުދެއްކޭނެ. އެހެންވީމާ، އެކަހަލަ މައްސަލަތައްވެސް ބެލޭނެގޮތަކަށް މިޤާނޫނުގައި އިދާރާ ތެރެއިން އޮތުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. ދެން މިބިލަކީ ކުރީގެ 16 ވަނަ މަޖިލީހުން ކޮންމެވެސްވަރަކަށް ބައްލަވާ ދިރާސާކުރައްވާ އިޞްލާޙުކުރައްވާފައިވާ ބިލަކަށްވާތީ މިއިދާރާތަކުގެ ކަންތައްތައް ހުރީ ރަނގަޅަށް ކަމަށް އަޅުގަނޑަށް ފެނޭ. އަދި އޭގެއިތުރަށް އަޅުގަނޑު ހުށަހަޅާލަން ބޭނުންވޭ، މިކަމަކީ މުޅި ރާއްޖެއަށްވެސް އާ ކަމަކަށްވެފައި އަލަށް އުފައްދާ އިދާރާއަކަށްވާތީ 2 އަހަރުފަހުން އަޅުގަނޑުމެން މިބިލު ބަލާ ދިރާސާކުރުމަށްފަހު އަދި އެ އިންލެންޑް ރެވެނިއުއާއި މަޝްވަރާކުރައްވައިގެން އަލުން މުރާޖާކުރުމަށްފަހު ދިމާވާ ދަތިތައް ޙައްލުވާނެގޮތަކަށް މިބިލު އަލުން 2 އަހަރުފަހުން މުރާޖާކުރުމަށް އަޅުގަނޑު ހުށަހަޅަން. ދެން މިކަން ކާމިޔާބުކުރުމަށްޓަކައި ވިޔަފާރިވެރިން ގުޅިގެން މަސައްކަތްކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. މިކަން ކުރައްވާނެކަމުގައި އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން. އެހެންވީމާ، މިއިޞްލާޙާއެކީ އަޅުގަނޑު ވާހަކަ ނިންމާލަން ޝުކުރިއްޔާ.
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 13ވަނަ ޖަލްސާ
ތާރީޚް:29 ޖޫން 2009 ހޯމަދުވަސް
މިޖަލްސާގައި އިލްޔާސް ލަބީބް ވާހަކަފުޅެއް ނުދައްކަވައެވެ
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 14ވަނަ ޖަލްސާ
ތާރީޚް:30 ޖޫން 2009 އަންގާރަދުވަސް
ހުޅުމީދޫ ދާއިރާގެ މެންބަރު ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި
އިލްޔާސް ލަބީސް ވާހަކަދެއްކެވުން:މެންބަރު ޙަސަން ލަތީފް މިހުށަހެޅުއްވީ މިހާރު އައްޑުއަތޮޅަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައަކާ ގުޅޭގޮތުން ޕެޓިޝަނެއް. މިއަށް އަޅުގަނޑު މަރުޚަބާ ކިޔަން. އަދި އަޅުގަނޑު ވަރަށް ހިތާމަކުރަން އެބޭފުޅާ ނިސްބަތްވާ ޑީ.އާރު.ޕީ ގެ ވަރަށްގިނަ ބޭފުޅުން މިއަށް ވޯޓު ނުދޭތީ. އެހެންނަމަވެސް ނަސީބަކުން މިއޮތީ އަޅުގަނޑުމެން މިފްލޯރގައި ބަޙުސްކުރުމަށްޓަކައި ފާސްވެފައި. އާދެ، އަޅުގަނޑުމެން މިޤައުމުގައި ދިރިއުޅެމުން ދާއިރު އަޅުގަނޑުމެންނަށް ބޭނުންވާ އެންމެ މުޙިންމުކަމަކީ ރަނގަޅު ސިއްޙަތެއް ލިބުން. ރަނގަޅު ތަޢުލީމެއް ލިބުން. އަޅުގަނޑުމެންގެ ޒުވާނުން ޑްރަގްގެ ވަބާއިން ސަލާމަތްކުރުން. މިކަންތައްތައް ކުރުމަށް އަޅުގަނޑުމެން ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ޚާއްޞަކޮށް ޞިއްޙީ ދާއިރާއަށް ބަލާއިރު ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އަޅުގަނޑުމެން ވެރިކަމަށް އައިއިރު ކޮންމެވެސް ގޮތަކުން، އަޅުގަނޑު ނުދަންނަވާނަން ޤަސްދުގައޭ. އެސް.ޓީ.އޯގެ ބޭސްގުދަނުގައި ރޯވެއްޖެ. ވަރަށް ދަތިކަމެއް. ވަރަށް ބައިވަރު ބޭސްތަކެއް އަދާ ހުލިވެގެން ހިނގައްޖެ. މިއެއް ނޫން އަޅުގަނޑު ކުށްވެރިކުރާ ކަމަކީ. އަޅުގަނޑު ނިސްބަތްވާ ދާއިރާ ހުޅުދޫ މީދޫ ރައްޔިތުން މާބަނޑު މީހުން އަންހެނުން ކުޑަކުދިން ގޮވައިގެން އަޅުގަނޑުމެންގެ މަރުކަޒުން ރަނގަޅު ޞިއްޙީ ޚިދުމަތެއް ނުލިބިގެން މިދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް. މިހާރު އަޅުގަނޑު ހިތާމަކުރަން މިދިޔަ ހަފްތާގައިވެސް އަޅުގަނޑަށް އެތައް ބަޔަކު ގުޅާފައި ބުނެފައި އެބައިން އެމީހުން މިހާރު ދާންޖެހެނީ ފުވައްމުކަށޭ. އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން މިއިކީ. މިކަންތައްތައް ދިމާވާން ޖެހޭ ސަބަބުތައް ބަލާ އެކަންތައްތައް ޙައްލުކުރަން އަޅުގަނޑު އަޅުގަނޑުމެންގެ ސަރުކާރަށާއި ސިވިލް ސަރވިސްގެ މުވައްޒިފުންނަށް އިލްތިމާސްކޮށް އަރުވަން. ޑޮކްޓަރަކު ހިތަދޫ ހޮސްޕިޓަލަށް ރީޖަނަލް ހޮސްޕިޓަލަށް ފޮނުވަން ދެންނެވުމުން ޑޮކްޓަރު ވިދާޅުވަނީ ތިމަންނައަކަށް ނުކުރޭނެއޭ ހިތަދޫއަށް ދާކަށް. ތިމަންނަ ގެއަށް ވަގަކު ވަދެ ވައްކަންކޮށް ތިމަންނަގެ އެއްޗެހި ވަގަށްނަގާފާނެއޭ. ޑޮކްޓަރުން މިތިބެނީ ބިރުން. އެތައް މައްސަލަތަކެއް އިޖުތިމާޢީ މައްސަލަތަކެއް އެބައުޅޭ، މިމައްސަލަތަކަށް ހިތްވަރުދޭ ބައެއް އެބައުޅޭ. މިކަންތައްތައް ބަލާ އެކަންކަމުގައި އުޅޭ ހައްޔަރުކޮށް އަޅުގަނޑުމެންގެ މުޖްތަމަޢު އަމަންއަމާންތަނަކަށް ހެދޭނެ ގޮތް އަޅުގަނޑުމެން ކޮންމެގޮތެއް ހަދާފައިވެސް ކުރަން އެބަޖެހޭ. ހުޅުދޫ މީދޫ ރައްޔިތުން ކަނޑުހުރަސްކޮށް ހިތަދޫއަށް ދިއުމުގެ ބަދަލުގައި ފުވަށްމުލަކަށް ދިއުމަކި އަޅުގަނޑު ވަރަށް ހިތާމަކުރާކަމެއް. އެއީއެއްނޫން އަޅުގަނޑުމެން މިކަން ކުރަން ބޭނުންވާ ގޮތަކީ. އަޅުގަނޑުމެން އެމް.ޑީ.ޕީ ސަރުކާރުން ވެރިކަމަށް އައިއިރުވެސް އަޅުގަނޑުމެން ބޭނުންވީ އެކަންތައް ބަދަލުކޮށް ހުޅުދޫ މީދޫގެ ރައްޔިތުން ހުޅުދޫގައި ތިބެގެން ބޭސްކުރެވޭނެ ނިޒާމެއް ޤާއިމުކުރަން. އަޅުގަނޑު މިގޮނޑިއަށް ހޮވުމުގައިވެސް އަޅުގަނޑު ބޭނުންވަނީ ހުޅުދޫ މީދޫ ރައްޔިތުން ހިތަދޫއަށް ދިއުމުގެ ބަދަލުގައި ހުޅުދޫ މީދޫގެ މަރުކަޒުން އެޚިދުމަތް ލިބިގެން އެތާނގައި ތިބެގެން ބޭސްކުރެވޭނެ ގޮތެއް ހެދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ސަރުކާރާއި ގުޅިގެން މިކުރާ މަސައްކަތުން އެކަން ކާމިޔާބުވާނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަރުކާރަށް މިކަންތައްތައް ކުރުމުގައި ވަރަށް ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުން. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން ހޮސްޕިޓަލުގައި އިސް ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން މިކަންކަމުން މިހާހިސާބަށް ދިޔައިރު އަޅާނުލާ ތިބުމަކީ އެކަންތައް ގޯސްވެގެންދިޔަ އެއް ސަބަބު. އެހެންވީމަ، އެބޭފުޅުންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަން މިކަންތައްތައް ސިޔާސީ ކަމަކަމަށް ނަހައްދަވާ މިއީ އެތައް ބައެއްގެ ފުރާނައާއި ގުޅިފައިވާ ކަމަކަށްވާތީ އިސްކަންދީގެން މިކަންތައްތައް ޙައްލުކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާށޭ، އެބޭފުޅުންގެ ވާޖިބަކީ އެއީ. އަދި އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއް، ޑޮކްޓަރުންގެ ތެރޭގައިވެސް ބައެއް ބޭފުޅުން އެބައުޅޭ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން މިކަމަށް މަސައްކަތްކުރައްވާ ބޭފުންނަށް މަސައްކަތްނުކުރުމަށް އަދި ބޭރުގެ ޑޮކްޓަރުންނަށް އައްޑޫއަށް ނުދިއުމަށް އެހެން ތަނަކަށް ނުދިއުމަށް ނަޞޭޙަތްތެރިވަމުން. އެބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން އޮތީ އެބޭފުޅުން ޑޮކްޓަރުކަން ކިޔަވައިގެން މިޤައުމަށް އައިސް ޚިދުމަތްކުރަން އުޅެނީ އެބޭފުޅުންގެ އަމިއްލަ އެދުމަކު ނޫނޭ، ބަޔަކަށް ޖެއްސުންކުރުމަކަށް ނޫނޭ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އިންސާނީ ޚިދުމަތްކުރުމުގައޭ. އެހެންވީމަ، އެހެން ނަހައްދަވާ އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެން އެހީތެރިކަން ދީގެން މަސައްކަތްކުރައްވާށޭ. އަޅުގަނޑު ރާއްޖޭގެ އަމަންއަމާންކަން ބަލަހައްޓާ ބޭފުޅުންނަށް އިލްތިމާސްކޮށް ދަންނަވަން އައްޑުއަތޮޅުގައި ދިމާވެފައިވާ ބިރުވެރިކަމުގެ މައްސަލަ، ގޭގެއަށް ވަގުންވަދެ ވައްކަންކުރުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކޮށްދެއްވާށޭ. އެހެންވީމަ، މިކަންތައްތަކުން އަޅުގަނޑުމެން އެންމެން އެކީ މަސައްކަތްކޮށްފިއްޔާ މިކަންތައްތައް ޙައްލުކުރެވިދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ސަރުކާރުން މިހާރުވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން އެބަދޭ. އަޅުގަނޑުވެސް ސަރުކާރާއި މިކަމުގައި އެތައްފަހަރު މަޝްވަރާކޮށްފިން. އެ މަޝްވަރާތަކުގެ ސަބަބުން އެތައް ކަމެއް ރަނގަޅުވެސްވެއްޖެ. މިދިޔަ ހަފްތާގައި ޑޮކްޓަރެއް ނެތިގެން އަޅުގަނޑުމެންގެ ޢިއްޒަތްތެރި އެތައް މެންބަރުންނެއް ރައީސް އޮފީހަށާއި ހެލްތް މިނިސްޓްރީއަށް ވަޑައިގެން ބައްދަލުކުރައްވައިގެން މިހާރު އަންހެނުން ޚާއްޞަ ބަލިތަކަށް ބަލާ އަންހެނުންގެ ޑޮކްޓަރެއްވެސް ވަނީ ވަގުތީ ގޮތަކަށް ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ އެކަންތައްވެސް ރަނގަޅުވާނެ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް
ޔައުމިއްޔާނަންބަރު:17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 15ވަނަ ޖަލްސާ
ތާރީޚް:1 ޖުލައި 2009 ބުދަދުވަސް
މިޖަލްސާގައި އިލްޔާސް ލަބީބް ވާހަކަފުޅެއް ނުދައްކަވައެވެ