Tuesday, June 16, 2009

ހުޅުމީދޫ ވަކިކުރުމާމެދު...1

ލިޔުނީ: އައްޑޫ ޙަސަނު

މިދިޔަ ހަފުތާގައި އަޅުގަނޑު މީދޫލައިވަށާއި، ސިޔާސީ ހުޅުދުއަށް ލިޔުނު އާރޓިކަލްއަކާބެހޭގޮތުން ބައެއްބޭފުޅުން ފާޅުކޮއްފައިވާ ޙިޔާލުފުޅުތަކަށް ނިސްބަތްކޮށް އެއެޗެއްބުނެލުމުގެ މަޤުޞަދުގައި އަޅުގަނޑު މި އާޓިކަލް ލިޔުމަށް ނިޔަތްގަތީމެވެ. މާތް ﷲ ގެ އިރާދަފުޅުން އަޅުގަނޑު އުއްމީދުކުރަނީ މި މައުޟޫއަށް ސިލްސިލާ ލިޔުންތަކެއް ލިޔާށެވެ. އާދެ، ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ހުޅުމީދުއަކީ ނަސްލީ ތަފާތުތަކުން އެއްކިބާވެފައިވާ ހަމަޖެހޭ ރައްޔިތެއް އުޅެމުންދާ ރަށެއްކަމުގައި ހެދުމަށްޓަކައެވެ.

އަޅުގަނޑު މި މަޒުމޫނު ފައްޓާނީ ހަޤީޤީ ހާދިސާއަކަށް އަލިއަޅުވާލުމަށްފަހުގައެވެ. 2004 ވަނައަހަރު ޑިސެމްބަރުމަހު ދިވެހީންނަށް ދިމާވި ހިތާމަވެރި ސުނާމީގައި ހާލުގައިޖެހި، ގެދޮރުނެތް މީސްމީހުންނަށް ޔޫ.އެން.ޑީ.ޕީގެ "ޝެލްޓަރ ރިކަވަރީ" ޕްރޮގްރާމްގެ ފަރާތުން ހާލުގައި ޖެހުނު އާއިލާތަކަށް އަލުން ގެދޮރުތައް އަޅައިދިނުމަށްޓަކައި ކުރެވުނު ސާރވޭއާއި، ގެދޮރު އެޅުމަށްޓަކައި ޔޫ.އެން.ޑީ.ޕީން ދެއްވި ފައިސާ ޙަވާލުކުރުމަގައި އަޅުގަނޑު ޢަމަލީގޮތުން ބައިވެރިވީމެވެ. މިގޮތުން ލ.މުންޑޫގެ ރައްޔިތުންނާ ބައްދަލުކޮށް އެރަށުގެ ރައްޔިތުންގެ ޙިޔާލު ހުރިގޮތް ހޯދާލުމަށް އެރަށަށް ދިޔަ ޓީމުގައި ބައިވެރިވުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނެވެ. މުންޑޫއަކީ ސުނާމީގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފައިވާ ރަށަކަށްވީތީވެޔާއި، ރަށުގެ އާބާދީކުޑަކަމުން ސަރުކާރުން ބޭނުންވީ މުންޑޫ ރައްޔިތުން ލ. ގަމަށް ބަދަލުކުރުމަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ލ.ގަމަކީ ދިވެހިރާއްޖޭގައިވާ އެންމެ ބޮޑެތި ރަށްތަކުގެ ތެރެއިން ރަށެކެވެ. ގިނަގުނަ ޢުމުރާނީ މަސައްކަތްތަކާއި، އާމްދަނީ ލިބޭފަދަ އެތައްކަމެއް ހިނގަމުންދާ ރަށެކެވެ. ނަމަވެސް މުންޑޫގެ ގިނަރައްޔިތުން މިރަށަށް ބަދަލުވާން ބޭނުމެއްނުވިއެވެ. އެބައިމީހުންގެ ބަހަނާއަކަށްވީ، އެރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި އާމްދަނީ ހޯދަމުންދަނީ މަސްވެރިކަމުންކަމަށްވީތީވެ، މުންޑޫ ރައްޔިތުންނަށް މަސްކަނޑަށް ނިކުންނަން ވަރަށް ފަސޭހަކަމަށްވާތީވެ، ލ.ގަމަށް ބަދަލުވެއްޖެނަމަ މަސްކަނޑަށް ނިކުންނަން ނަގާ ވަގުތު އިތުރުވާނެތީއެވެ. އަދި މި އިތުރުވާ އިތުރު ވުމަކީ އެންމެ 30 މިނެޓެވެ. މިއީ، މުންޑޫގެ ގިނަ ރައްޔިތުންގެ ބަހަނާއެވެ. މިއީ އަޅުގަނޑު ހަދަހައިގެން ދައްކާ ވާހަކައެއްނޫނެވެ. އެއިރު ސަރުކާރުން ނިންމާފައި އޮތީ، މުންޑޫގެ ރައްޔިތުންނަށް ސަރުކާރުގެ ޚަރަދުގައި ގަމުގައި ގެ އަޅައިދިނުމަށެވެ. އަދި މިކަމުގައި ސުނާމީގައި ހާލުގައި ޖެހުނުމީހުނެއް އެހެންބައެއް އިސްތިސްނާ ކުރުމެއްނެތިއެވެ.

ނަމަވެސް އަޅުގަނޑު ދަންނަވަންޖެހޭނީ، މުންޑޫގެ ރައްޔިތުންގެ ތެރެއިން މަދުބައެއް ނޫނީ ގަމަށް ބަދަލުކުރުމާ އިންކާރުކުރި ކުރުމަކީ ހަމަ އަމިއްލައެދުމުގެ ސަބަބުން ކުރިކަމެކެވެ. މިއީ، ރަށުގެ ކުރިޔަށްއޮތް ޖީލަށްވިސްނުމެއްނެތި ކުރިކަމެކެވެ. އާދެ، މާތް ﷲ ދެއްވި ނިއުމަތްތަކަށް އިންކާރުކުރުން ކަމުގައި ބުނުމަކީވެސް ދޮގެއްކަމުގައި އަޅުގަނޑު ނުދެކެމެވެ.

އަޅުގަނޑު މުންޑޫގެ ވާހަކަ މިތާގައި ބުނެލީ ހަމަ ޢިބްރަތަކަށްޓަކައެވެ. އަޅުގަނޑުމެން. އާދެ، ހުޅުމީދޫ އެއްރަށެއްގެ ގޮތުގައި އޮތުމުގެ ނިއުމަތް މާތްﷲ ދެއްވިކަމަށްޓަކައި އެކަމާ ހަމްދުކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ބޭނުންވަނީ، ދެރަށް ވަކިކުރާށެވެ. މި ކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކަށް ނުވިސްނައެވެ. މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކުގެ އަސްލަކީ ދެރަށަކީ އިދާރީގޮތުން ދެރަށްކަމުގައި އޮތުމެވެ. އިދާރީގޮތުން އޮންނަ ވާދަވެރިކަމެއްގެ ސަބަބުން ޖެހިފައިވާ މައްސަލަތަކެވެ. މި ޢިދާރީ ތަފާތު، ނައްތާލައި، މިދެރަށް އެއްރަށެއްގެ ގޮތުގައި ނިންމައިފިނަމަ އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. މިކަމުގެ އެންމެއަލިގަދަ ހެއްކަކީ، ހުޅުމީދޫގެ ޒުވާނުން އެއްބައެގެ ގޮތުގައި އުޅޭއުޅުމެވެ. ދެރަށުގެ އިދާރީ ހިންގުމުގެ ފަރާތުންމެނުވީ މިދެރަށަކީ ދެނަސްލެއްކަމަށް ދެކޭމީހުން ވަރަށް މަދެވެ.

އާދެ، ރާއްޖޭގައި މިނޫނަސް އެހެންރަށްރަށުގައި ދެއަވަށް އެއީ ދެރަށްކަމުގައި ދެކިގެން ނިކުމެފައި ހުރިމައްސަލަތައް އެބަހުއްޓެވެ. މިސާލަކަށް ބަލާނަމަ ފަރެހާއި މާތޮޑާއެވެ. އަދި މީމު އަތޮޅުގެ ކޮޅުފުއްޓާއި ވާރެޔާފުއްޓެވެ. ކޮޅުފުށި ވާރެޔާފުށި މައްސަލަ ހައްލުވެފައިވަނީ ސަރުކާރުން މިދެއަވަށް ނުވަތަ ދެރަށަކީ އެއް ރަށެއްގެގޮތުގައި ނިންމަވާފައި އޮތުމުންނެވެ. މީގެ ކުރިން ކޮޅުފުއްޓާއި ވާރެޔާފުށީ ރައްޔިތުން ދެކެމުންއައީ މި ދެއަވަށުގެ އައްޔިތުންނަކި ދެނަސްލެއްގެ ބައެއްކަމަށެވެ. ކޮޅުފުށީމީހުން ބުނާގޮތުންނަމަ، ވާރެޔާފުށީރައްޔިތުންނަކީ މާފަހުގެ ތާރީޚެއްގައި އެރަށުގައި ވަޒަންވެރިވި ބައެކެވެ. އަދި، ކޮޅުފުށީބައެއްރައްޔިތުންގެ ނަޒަރުގައި ވާރެޔާފުށީ ރައްޔިތުންނަކީ، ނިސްބަތުން ތައުލީމީގޮތުންދަށް، "ތަހުޒީބު" ނުވާބައެކެވެ. އެންމެފަހުން ވާރެޔާފުށީރައްޔިތުން ބޭނުންވީ ވަކިވެގަންނާށެވެ. އާދެ ކޮޅުފުށީގެ ބައެއްރައްޔިތުންގެ މަލާމާތުން އެއްކިބާވުމަށެވެ. މިއީ މިހަމަނުޖެހުމުގެ އަސްލެވެ.

މީގެ އިތުރަށްވެސް މިޒަމާނުގައި ކަންތައްހިނގާ ގޮތަށް ބަލާނަމަ، މުޅިންވެސް ދެކެވެނީ ރަށްތައް ފާލަންތަކުންގުޅުވާ ވާހަކައެވެ. އާދެ ހުޅުމާލެއާއި މާލެ ގުޅުވާވާހަކައެވެ. މިގޮތަށް ގުޅުވަން މާލޭގެ ރައްޔިތުން ދެކޮޅު ނަހަދަނީ ކީއްވެގެންތޯ ވިސްނާލަން ޖެހެއެވެ. އޭގެ ސަބަބުން ނިކުންނާނެ ފައިދާ، މައްސަލަތަކަށްވުރެ ބޮޑުވާނެތީއެވެ. އެމެރިކާ މިއަދު ތަރައްޤީވެފައިވާ މިންވަރަށް ތަރައްޤީވެފައިވަނީ އެކިސްޓޭޓްތައް ގުޅުވައިގެން އެއްސަރުކާރެއްގެ ދަށަށް ގެނެސްގެންނެވެ. އާދެ އެކައުމަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކިޔަނީ އެހެންވެއެވެ. އެމެރިކާގެ ސްޓޭޓްތައް ވަކިވެގަނެ، އެބައިމީހުން އަމިއްލަ ސަރުކާރު ހިންގާނެހާ ހައިބަތުވެސް އެބައިމީހުންގެ އެބަހުއްޓެވެ. އެހެންނަމަވެސް އެކުވެގަތުމަކީ ތަރައްޤީއާއި މަންފާކުރާނެކަމަކަށްވާތީވެ، ވަކިވެގަތުމަށް ފުރުޞަތު ނުދިނީއެވެ. ދެންވެސް މިސާލެއްދަންނަވަނީނަމަ، ޔޫރަޕްގެ އިއްތިހަށް ނަޒަރުހިންގާލަން ހިނގާށެވެ. އެބައިމީހުން ވަކިޤައުމުތައްކަމުގައި ވީއިރުވެސް ތަފާތުކުރުން ކުޑަކުރުމަށާއި، އިޤޮތިޞާދީ ތަރައްޤީއަށްޓަކައި އިއްތިހާދުވެގަތީއެވެ. އާދެ އެކުވެގަތީއެވެ. ބައިބައި ވެގަތީއެއްނޫނެވެ.

އެހެންކަމުން މާތްﷲ ހުޅުދޫއާއި މީދޫ އެއްފަސްގަނޑެއްގެ ގޮތުގައި ލައްވާފައި ވަނިކޮށް މިގޮތައް ދެރަށް ވަކިކުރަން ނިންމުމަކީ އެކަލާގެ ދެއްވި ނިއުމަތްތަކަށް ފުރަގަސް ދިނުން ނޫންބާވައެވެ؟ އަދި މީގެސަބަބުން ނުކުމެދާނެ ތިމާވެށީގެ އެތައްމައްސަލަތައް ހުންނާނެކަމީ ޝައްކެތްވާ ކަމެއް ނޫނެވެ. އަދި މީގެ އިތުރުންވެސް ދެރަށުގެ އިޤްތިޞާދު ލާމެހިފައިވުމާއެކު، ދެރަށް ވަކިކުރުމުން ނިކުންނާނެ އިޤްތިޞާދީ ގެއްލުންތައް އާންމުރައްޔިތުންނަށް ވަޒަންކުރެވޭވަށްވުރެބޮޑަށް އެނގޭނީ އެކަމުގެ މާހިރުންނަށެވެ. ވިޔަފާރީގެ އުސޫލުތަކުން ބަލާއިރު އެންމެ ކަސްޓަމަރަކީވެސް ވިޔަފާރިއެއް ހިންގުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާފަރާތެކެވެ. މިގޮތުން ކަސްޓަމަރުން ހިތްހަމަޖައްސައި، އެ ވިޔަފާރިދޫކޮށް އެހެން ފަރާތަކަށް ކަސްޓަމަރުން އެނބުރި ދިޔަނުދީ ހިފެހެއްޓުމަކީ ދެމެހެއްޓެނިވި، ވިޔަފާރީގެ އެއްމެ މުހިންމު އެއްއަސާސެވެ. ވީމާ، މީދޫގެ ވަރަށްގިނަ ވިޔަފާރިތަކަށް ހުޅދޫރައްޔިތުން ބަރޯސާވަމުންދާހެން، ހުޅުދޫގެ ގިނަ ވިޔަފާރިތަކަށް މީދޫގެރައްޔިތުންވެސް ބަރޯސާވަމުން ދެއެވެ. މިވިޔަފާރި އަތޮޅުގެ އެހެން ރަށަކަށް ޑީވިއޭޓް ވެގެން ދިޔުމަކީ، ހުޅުމީދޫގެ ފޯރުންރެތިކަމަށް ކުރާނެ ވަރަށް ނޭދެވޭ އަސަރެކެވެ. ކޮންމެއަކަސް، ހުޅުމީދޫ ބޯޑަރު އަޅައި ވަކިކުރުމަށް ހަރުއަޑުން ގޮވާލަމުންދާ ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސަކީ އަދިއެއްފަހަރު މިކަމާ ވިސްނާލައްވާށެވެ. ތިޔަބޭފުޅުންނާއި، ތިޔަބޭފުޅުންގެ ދަރިންނަށްޓަކައެވެ. އާދެ ކުރިޔަށް އަންނަންއޮތް ޖީލުތަކަށްޓަކައެވެ.

3 comments:

  1. ހުޅުމީދޫގެ އެއްމެ ތާޒާ ޚަބަރު ބެއްލެވުމަށް www.vathivedi.blogspot.com އަށް ޒިޔާރަތް ކޮށްލައްވާ!

    ReplyDelete
  2. addu hassan..v gooooood article ..keep itup!

    ReplyDelete