
ހުޅުމީދޫގެ ބޯޑަރެއް އޮންނަން ޖެހޭތޯއެވެ؟
މީދޫލައިވްގައި މިއަދު ޝާޢިއު ކުރެވިފައިވާ އާރޓިކަލްއެއްބުނާގޮތުން މީދޫގެ ޖަމްޢިއްޔާއަކުން ރަށްސާފުކުރުމުގެ ތެރޭގައި ކުނިވަޅުލުމަށް ހުޅުދޫ މީދުއާއި ގުޅުވައިދޭ އެއްމަގުގެ މެދުގައި ކޮނެފައިވާ ވަޅުގަނޑެއްގެ ސަބަބުން ހުޅުދޫގެ ރައްޔިތުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ހުޅުމީދޫގެ އިން ވަކިކުރުމަށް އެދެމުން އެބަދެއެވެ. މީ ޙަޤީގަތެއްކަމުގައި ވާނަމަ، އަޅުގަނޑު ދެކޭގޮތުގައި މައްސަލައިގެ ހައްލަކީ އިން ވަކިކުރުމެއް ނޫނެވެ. ޙައްލަކަކީ ހުޅުދޫއާއި މީދުއަކީ އެއްރަށެއްކަމުގައި ސަރުކާރުން ނިންމައި، ދެރަށުގައި އިދާރީ އެއް އޮފީސް ހުޅުވުމެވެ. މިކަމާ ދެކޮޅު ހަދާނެ ރައްޔިތުން ތިބޭނެކަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް މައްސަލައިގެ ޒާތުން އެއްމެން ހިތްހަމަޖައްސައި ދިނުމަކީ ވާނެކަމެއް ނޫނެވެ. މިގޮތަށް ހުޅުދުއާއި މީދޫ އެއްރަށެއްގެގޮތުގައި ރަޖިސްޓްރީ ކުރުމުން، މީދޫލައިވްގެ އާޓިކަލްގައި ފާހަގަ ކޮއްފައިވާ ފަދަ އެއްވެސް މައްސަލައަކަށް ޖާގައެއް ނޯންނާނެއެވެ. އެހެނީ، އެ އާރޓިކަލްގައި ވާގޮތުން މީދޫގައި ހުންނަ ކުނިކޮއްޓަކަށް ހުޅުދޫމީހުން ކުނި އުކުމުން މިހާރު މައްސަލައަކަށް ވެއެވެ. މީދޫގެ އިމުން ހުޅުދޫގެ ދަނޑުވެރިޔަކަށް ބިން ދިނުމުންވެސް މައްސަލަޔަކަށް ވެއެވެ. މީދޫގެ އޮފީސް ހިންގުމުގައިވެސް ދެރަށުގެ ބޯޑަރ އެނގެން ނެތުމުންވެސް މައްސަލަޔަށް ވެއެވެ. ހުޅުދުއާއި މީދޫ އެއްރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިނަމަ، ދެރަށުގެ ކުނގޮޑުތަކުގެ ތެރެއިން އެމީހަކު ހިތްއެދޭ ކުނިކޮއްޓަކަށް ކުނިއުކަން ވީއެވެ. ދެރަށުގެ ކޮންމެ ހިސާބަކުންވެސް ދަނޑުވެރިންނަށް ދަނޑު ދޭންވީއެވެ. އެއިރުން މީދޫގެ ރައްޔިތުންވެސް ހުޅުދޫގެ ރައްޔިތުންވެސް ދެކުނު ޕްރޮވިންސްގެ މިނިސްރުން އަރިހުން ދެރަށުގެ ބޯޑަރ ވަކިކޮށްދޭތޯ އަހާކަށްވެސް ނުޖެހޭނެއެވެ. އެއިރުން ކުނިވަޅުލަން މަގުމެދުން ވަޅުގަނޑެއް ކޮނުނީމަ އެއީ ހުޅުދޫގެ ބިމުން ކޮނުނު ވަޅުގަނޑެކޭ ހުޅުދޫމީހުން ބުނެ މައްސަލަ ޖައްސާކަށެއްވެސް ނުޖެހޭނެއެވެ. އެއިރަށްވާނީ ދެރަށުގެ އިމުގެތެރެއިން ކޮނުނު ވަޅުގަނޑަކަށެވެ.
ކޮންމެއަކަސް މިއީ ކުރީގެ ސަރުކާރު ވެރިކަންކުރިއިރުވެސް ދެރަށުގެ ހެޔޮވިސްނޭ ރައްޔިތުންގެ އާދޭހެވެ. މިއަދުގެވެސް އާދާހެވެ. ކުރީގެ ސަރުކާރުން ހުޅުމީދޫ ދެރަށުގެ ގޮތުގައި ބާއްވާފައިއޮތީ ސިޔާސީބޭނުމެއްގައެވެ. ހުޅުދޫރައްޔިތުން ސަރުކާރާ ދެކޮޅުވެއްޖެނަމަ މީދޫރައްޔިތުންނަށް އިނާޔަތްތައްދީ ހުޅުދޫގެ ރައްޔިތުން އަނބުރާ ސަރުކާރަށް ލެންބުމެވެ. އަދިމީދޫރައްޔިތުން ސަރުކާރާ ދެކޮޅުވެއްޖެނަމަ އެބައިމީހުން އަނބުރާ ސަރުކާރުގެ ރުހުމަށް ގެނައުމަށް ހުޅުދޫގައި ޢުމުރާނީ ޕްރޮޖެކްޓްތައް ފެއްޓުމުގެ ގޮތުންނެވެ. މިކަން މާޒީއަށް ނަޒަރު ހިންގާލިޔަސް ފެންނާނެއެވެ. ސިޔާސީ މުފައްކިރުން ދެކޭގޮތުގައި މިއީ ވަރަށް ކާމިޔާބު ސިޔާސީ އުކުޅެކެވެ. މިއީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދުވަސްވަރު އެމީހުން ކަންތައް ކުރަމުން އައި ޒާތްވެސްމެއެވެ. އާދެ "ރޫލް އެންޑް ޑިވައިޑް" ގެ މި ނޭއްގާނީ އުސޫލު ބޭނުންކޮށް އިނގިރޭސިން ބަބައިކޮއްލީ ކިތައްޤައުމު ހެއްޔެވެ. އިނގިރޭސިންގެ އަތްދަށުގައި އިންޑިޔާއޮވެ، އިންޑިޔާއަށް މިނިވަންކަން ލިބުމުން އެޤައުމު ދޫކޮށްފައި ދިޔައީ އިންޑިޔާއިން ޕާކިންތާނަކާއި ބަނގްލާދޭޝެއް އުފައްދާފައެވެ. މިއީ ކުރީގައި އޮތް ޤައުމުތަކެއް ނޫނެވެ. މީގެ ސަބަބުން އިންޑިޔާއާއި ޕާކިސްތާނާއި ދެމެދު އުފެދުނު ހަމަނުޖެހުމުގެ ސަބަބުން އަދިވެސް އެދެޤައުމުދެމެދު ހަނގުރާމަ ހިނގަމުން އެބަދެއެވެ. އާދެ ބޯޑަރު ވަކިކުރަން ނޭގިގެންނެވެ. ކަޝްމީރަކީ ކޮންޤައުމެއްގެ ބިމެއްކަން ނޭގިގެންނެވެ. މިހިސާބުން އަޅުގަނޑު ހިތަށް އަރަނީ، ހުޅުމީދޫގެ ރައްޔިތުން ބޭނުންވަނީ، މިހާލަތަށް ދާންތޯއެވެ؟ ހަމަހިލާ އަޅުގަނޑު ބޭނުމެއްނޫނެވެ. ދެން އުފެދޭ ސުވާލަކީ، މިހާރުގެ ސަރުކާރުވެސް ހުޅުމީދޫ ވަކި ދެރަށުގެ ގޮތުގައި ބާއްވަން މަސައްކަތްކުރަނީ، ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސީ އުކުޅުބޭނުން ކުރުމުގެ ބޭނުމުގައި ނޫންބާވައެވެ؟ ހަމަގައިމުވެސް މިސަރުކާރުން ހުޅުމީދޫ އެއްރަށެއްގެ ގޮތުގައި ނިންމައިފިނަމަ މައްސަލަ ހައްލުވާނެއެވެ. އަދި މިގޮތަށް ނިންމުމަކީ ސަރުކާރަށް ދަތިކަމެއް ކަމުގައި ނުވާނެކަން، ދާދި ފަހުން ތަޢާރަފްކުރި ޕްރޮވިންސް ސިސްޓަމުންވެސް ދޭހަވެއެވެ.
- އައްޑޫ ޙަސަނު -
No comments:
Post a Comment